ޚަބަރު

ކުޅުދުއްފުށީ ކައުންސިލްއިން ރައްޔިތުންނާ ބައްދަލުކުރައްވައިފި

ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ކަނޑައެޅިފައި އޮންނަ ކައުންސިލްއިން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވުނު ބައްދަލުވުން ރޭ ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިޔަށް ދިޔައެވެ. ރޭ 08:30 ގައި ބޭއްވުނު މި ބައްދަލުވުމުގައި ޤުރުއާން ކިޔަވައިދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ އެސިސްޓެންޓް އެޑްމިން އޮފިސަރ އަލްފާޟިލާ ސާމިޔާ ޢަލީއެވެ.

ކައުންސިލްގެ އަމާޒަކީ އަހަރަކު 2 ފަހަރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުވުން ކަމަށާއި ނަމަވެސް މިނިމުނު 2018 ވަނަ އަހަރު އެކިއެކި ސަބަބުތަކަށްޓަކައި 2 ބައްދަލުވުން ނުބޭއްވުނު ނަމަވެސް 2019 ވަނަ އަހަރުގެ ޖުލައި މަހު އިރާދަކުރެއްވިއްޔާ އަދި އެއްބައްދަލުވުން ބާއްވާނެ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ހިދުމަތްތަކެއް ފުރިހަމަކޮށްދޭން ބުނެފައި ވީނަމަވެސް އެކަންކަން ކުރުމަށްޓަކައި ފުރިހަމަ ބާރު ކައުންސިލްއަށް ލިބިފައިނުވާކަން ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

ކައުންސިލްއިން ރަށުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ހެދިފައިވާ ޤަވާއިދުތައް ތަންފީޒްކުރިނަމަވެސް އަޅުގަނޑުގެ ވިސްނުމުގައި އެއްވެސް ރައްޔިތަކު ޖޫރިމަނާ ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި ނަމަވެސް ޤަވާއިދާ ހިލާފަށް އުޅުއްވާ ފަރާތްތަށް ކައުންސިލްއަށް ޙާޟިރުކޮށް އެކަންކަމާއި ބެހޭގޮތުން ނަޞޭހަތް ދެމުން ގެންދާކަމަށް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަލަށް އިންތިޚާބްވި އައު ސަރުކާރާއި ކައުންސިލްއިން ބައްދަލުކޮށް އެކިއެކި މިނިސްޓްރީތަކުން ފާހަގަ ކުރެއްވި މުހިއްމު މަޢުލޫމާތު ރޭ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ހުރިހާ ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ. ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާއިރު ހަމައެކަނި ނަން ބަދަލުވުމުގެ ބަދަލުގައި ނަމާއެކު ހިދުމަތާއި ހިދުމަތް ދެވޭވަރުގެ ކައުންސިލްއެއް އެކަށީގެންވާ މުވައްޒަފުންނާއިއެކު ލިބެންޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކުނި އެކިހިސާބުތަކަށް އެއްކުރުމަށްފަހު ހުޅު ޖަހާ ހެދުމަކީ ހިނގަމުންދާ ކުރުން މަނާކަމެއްކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ. އަދި އެގޮތަށް އެކިއެކި ސަރަޙައްދުތަކަށް އެއްކުރެވޭ ކުނިފުނިތައް ކައުންސިލްގެ ޚަރަދުގައި އުކާލުމުގެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply