މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީ، މަސްޖިދުލް ފިރުދައުސް ރަސްމީކޮށް ހުޅުވައި ދެއްވައިފި.

ކުޅުދުއްފުށީ މަޝްހޫރު ވިޔަފާރިވެރިޔާ ހދ. ކުޅުދުއްފުށި، ތަރި، މުޙައްމަދު ޒުހެއިރު އަމިއްލަ ޚަރަދުގައި ބިނާކުރި މިސްކިތެއް ކަމުގައިވާ މަސްޖިދުލް ފިރުދައުސް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ހުޅުވައި ދެއްވައިފިއެވެ.

މިއަދު 03:00 ގައި މަސްޖިދުލް ފިރުދައުސްގައި ކުރިޔަށް ދިޔަ މިރަސްމިއްޔާތުގައި ޤުރުއާނުގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައި ދެއްވީ ހދ. ކުޅުދުއްފުށި، ފަސްތަރި، އަޙްމަދު އަތޫފްއެވެ. އެއަށްފަހު ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ސަޢީދުއެވެ. ދެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅަށްފަހު މިސްކިތް ހުޅުއްވައިދެއްވިއެވެ.

މިސްކިތްތައް އިމާރާތް ކުރުމަކީ ވަރަށް މާތް ކަމެއް ކަމަށާއި ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުންވެސް އެކަން އެގިގެން ދާނެ ކަމަށާއި ކީރިތި ޤުރުއާނުންނާއި ކީރިތި ރަސޫލާގެ ސުންނަތުން މިސްކިތްތައް އިމާރާތްކުރާ މީހުންނަކީ ﷲ އަށް އީމާންވާމީހުންކަމުގައި ބަޔާންކުރައްވާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

 


 

ކީރިތި ޤުރުއާން ކިޔެވުން، ﷲ ސުބުހާނަހޫވަތައާލާ ހަދުމަކުރުން އަދި ﷲ ސުބުހާނަހޫވަތައާލާއަށް އަޅުކަން ކުރުން، މިހުރިހާ ކަންތައްތަކެއް ހިނގާތީ، މިސްކިތްތަކަކީ އެންމެ މާތް އަދި ބިންމަތީގައިވާ އެންމެ ސަރަފްވެރި ތަން ކަމުގައި ﷲ ސުބުހާނަހޫވަތައާލާ ލައްވާފައިވާ ތަން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

އަޅުގަނޑުމެން އިމާރާތް ރީތިކުރާ ފަދައިން، އިމާރާތްތައް ޒީނަތްކުރާ ފަދައިން އަޅުގަނޑުމެން މިސްކިތުގައި ހިނގާ ހަރަކާތްތައްވެސް ރަނގަޅުކޮށް ޒީނަތްތެރިކުރަންޖެހޭ ކަމަށާއި ހަމައެކަނި އަޅުކަން ކުރާ ތަނެއްގެ ގޮތުގައި މިސްކިތްތައް ހެދުމުގެ ބަދަލުގައި މިސްކިތްތަކަކީ ކީރިތި ޤުރުއާން ކިޔަވަން ތިބޭ ތަނެއްގެ ގޮތަށާއި ޤުރުއާން ކުލާސްތައް ހިނގާ ތަނެއްގެ ގޮތަށާއި ވައުޒު އިރުސާދުތައް ދެވޭ ތަކެއްގެ ގޮތުގައި ހަދަން ޖެހޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ. އެގޮތުން މިސްކިތްތައް ފަރުމާކުރެވެންޖެހޭނީ ﷲ ސުބުހާނަހޫވަތައާލާއަށް ޒިކުރުކުރެވޭނެ ހުރިހާ ކަންތައްތަކެއް މަގުފަހިވާގޮތަށްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑު މަސައްކަތެއް ލިއްލާހިއަށްޓަކައި، ﷲ ގެ ވަޖުއުފުޅަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށްޓަކައި ކޮސްދެއްވި ކަމަށްޓަކައި މުޙައްމަދު ޒުހެއިރަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ޝުކުރުދެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *