ޚަބަރު

ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރެ ވެހުމުގެ ސަބަބުން 5 ގެއަކަށް ވަރަށް ބޮޑެތި ގެއްލުންވެއްޖެ

ހދ. ކުޅުދުއްފުއްޓަށް އިއްޔެ ކުރި ވިއްސާރައިގައި ދިރިއުޅެން ދަތިވާ ވަރަށް ޖުމުލަ 5 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އެއީ ދިޔަވަރު، ފާހި، ދިގަލި، ގްރޯވާރސް އަދި މާއިރާއެވެ. އިއްޔެ ހެނދުނުން ފެށިގެން ހުއްޓާނުލާ ވެހުނު ވާރޭގައި ގޭގައި ގެންގުޅޭ އަގުބޮޑެތި މުދާ ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. އޭގެތެރެއިން 2 ގެއެއް ވަނީ ކައުންސިލްގެ ބެލުމުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ދެންބާކީހުރި ގޭތަކުން ބޭނުންވެފައިވަނީ ޢާއިލީ ނުވަތަ ރައްޓެހި ގޭތަކަށް ބަދަލުވުމަށެވެ. މިގެތަކުގެ އިތުރުންވެސް ވަރަށް ގިނަ ގޭތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެމް.އެން.ޑީ.އެފް، ކުޅުދުއްފުށީ ފަޔަރ، އަތޮޅު ހެލްތު ސަރވިސަސް، ކުޅުދުއްފުށީ ޕަބްލިކް ވޯރކްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ކުޅުދުއްފުށީ ބުރާންޗްއާއި އާންމުންގެ އެހީތެރިކަމާއެކު ދެސަރަޙައްދަކުން ޕަންޕް ޖަހައި ފެން ހިންދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންގޮސްފައިވާއިރު ވެލި އެޅުމުގެ މަސައްކަތްވެސް ކުރެވެމުން ގެންދެވިފައިވެއެވެ. އަދި ނަޖިސް ބޭރުވުމުގެ ސަބަބުން ތަގައްޔަރުވެފައިވާ ގޭތަކަށް ކުލޮރިން އެޅުމުގެ މަސައްކަތް އަތޮޅު ހެލްތު ސަރވިސަސް ވެދުވެރިކޮށް ވަނީ ކުރެވިފައެވެ.

ކައުންސިލްގެ ފަރާތުން ފެންވަދެ ގެއްލުން ލިބިފައިވާ ގޭތަކަށް ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުންތައް ބެލިފައިވާއިރު މިހާރު ކުރެވެމުންދާ މަސައްކަތަކީ އެކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއަށް ލިޔުމުން ހުށަހެޅުމުގެ މަސައްކަތެވެ.

މި ވިއްސާރައިގައި އެކިއެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެމް.އެން.ޑީ.އެފް، ކުޅުދުއްފުށީ ފަޔަރ، އަތޮޅު ހެލްތު ސަރވިސަސް، ކުޅުދުއްފުށީ ޕަބްލިކް ވޯރކްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ކުޅުދުއްފުށީ ބުރާންޗް އަދި އާންމުންނަށް ކުޅުދުއްފުށީ ކައުންސިލްގެ ނަމުގައި ވަރަށް ހާއްސަ ސުކުރެއް ދަންނަވަމެވެ.

Leave a Reply