ޚަބަރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައި ކުޅުދުއްފުށީ މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި، އުދައެރުމާއި ވައިގަދަވުމުގެ ސަބަބުން ކުރިމަތިވާ ހާދިޘާތަކަށް އިޖާބަދޭ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، ހާދިޘާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމުގައި ރަށްރަށުގައި ހުރި ޤާބިލިއްޔަތުތައް ދެނެގަނެ، އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީގެ އެކިއެކި މުއައްސަސާތަކާއި ބައްދަލުކުރައްވައިފިއެވެ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަން އަދި އެމް.އެން.ޑީ.އެފް ނޯދަން އޭރިއާ ކޮމާންޑްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ހާދިޘާތަކަށް އިޖާބަދިނުމާއި ދުރާލާ ތައްޔާރުވުމުގައި ކައުންސިލްތަކުގެ ދަޢުރާއި ރަށު ކައުންސިލްތަކަށާއި މިފަދަ ހާދިޘާތަކަށް އިޖާބަދޭ ފަރާތްތަކަށް ( ފަސްޓް ރެސްޕޮންޑަރސް ) ހުރި ގޮންޖެހުންތައް އެކިއެކި މުއައްސަސާތަކުން ހިއްސާކުރެއްވިއެވެ.

ކުޅުދުއްފުއްޓަކީ ތަރައްޤީއަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވި އޭގެ ސަބަބުން ރަނގަޅަށް އެކަށީގެންވާ ހާދިޘާގެ ކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަހުފޫމް ތަރައްޤީގެ ޕްލޭންސްތަކަށް ނުވަނުމުގެ ސަބަބުން ބައިވަރު މައްސަލަތަކެއް ކުރިމަތިވާ ރަށެއްކަމަށާއި ދާދި ފަހުން ކުޅުދުއްފުއްޓަށް ވެހުނު ވާރޭގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ރަށެއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަން ވިދާޅުވިއެވެ.

 

 

ކުޅުދުއްފުއްޓަށް ކުރި ވިއްސާރައިގައި އެކިއެކި މުއައްސަސާތަކުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށާއި މިހާރު އެކަހަލަ ކަމަކަށް އެޓެންޑްވުމަށް ޓާސްކް ފޯރސްއެއް އެކުލަވާލާފައިވާނޭކަމަށާއި އެޓާސްކް ފޯރސްގައި ކުޅުދުއްފުށީގައި ޤާއިމުވެފައިވާ މުހިއްމު މުޢައްސަސާތަކުގެ އިސްވެރިން ހިމެނިގެންދާނެކަމަށާއި އަޅުގަނޑުމެންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަންނީ އެހީތެރިކަން ކުޅުދުއްފުށީ ޑިޒާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. ރަށް އުފެދިފައިވާގޮތުން ހޮޅަނގުފަރާތަށް ތިރިވާނެކަމަށާއި މަގުތައް ހެދުމުގެ ސަބަބުން ވާރެވެހި ކުރިން ފެންގަނޑު ނުއުފެދޭ އެތައް ތަނެއްގައި ފެންގަނޑު އުފެދޭކަމަށާއި ކުޅުދުއްފުށީގައި ހިންގިފައިވާ ފެން ހިންދުމުގެ ޕްރޮޖެކްޓްތައް އެއްކޮށް ފުރިހަމައަށް ނިންމާލެވިފައިނުވާތީ އެކަމުގެ ސަބަބުން ރަށުގައި ފެން ހިނދެންވާވަރަށް ނުހިނދޭކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހެދިފައިވާ މަގުތަކަށް ބަލާއިރު އަމީނީމަގު ފިޔަވާ ދެން ހެދިފައިވާ އެއްވެސް މަގެއްގައި ހެދޭ ފެން ކާނުން ހިދޭނެ އެއްވެސް ކޮޅެއް ފެންނަން ނެތްކަމަށާއި އަމީނީމަގުގެ ކާނުތައްވެސް ދެކުނުކޮޅުން ޖަންކްޝަންއަކާއި ގުޅިފައިވީނަމަވެސް އެޖަންކްޝަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމަށް ކުޅުދުއްފުށީ ޕަބްލިކް ވޯރކްސް ސަރވިޝަސްގެ ޕްރޮޖެކްޓް މެއިންޓަނަންސް ކޯޑިނޭޓަރ އަލްފާޟިލް ޢަލީ މުޙައްމަދު ވިދާޅުވިއެވެ. އަޅުގަނޑުމެން ކަންކަމާއި ވިސްނަނީ ވަގުތު އައިސް ޖެހުނިމަކަމަށާއި ކައިރި ރަށެއްގައި ފެންބޮޑުވެއްޖެނަމަ އެކަމަށް އެޓެންޑްވާނެ ރަނގަޅު ނިޒާމެއް ނެތް ކަމަށާއި އެކަމަށް ހާއްސަ ބަޖެޓެއް ނެތް ކަމަށާއި އަގަމަތީ އޮޑިއަކަށް ޕަންޕެއްލައިގެން ދަތުރުކުރުން ނޫން ގޮތެއް އަދިއަދައްދަންދެއްވެސް ނެތް ކަމަށް ކުޅުދުއްފުށީ ޕަބްލިކް ވޯރކްސް ސަރވިޝަސްގެ ޕްރޮޖެކްޓް މެއިންޓަނަންސް ކޯޑިނޭޓަރ އަލްފާޟިލް ޢަލީ މުޙައްމަދު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގޭތަކަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމަކީ އަބަދު ކުޅަދާނަ ކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާދިޘާއެއް ކުރިމަތިވާއިރު އެކަމާއި ގުޅުންހުރި މުއައްސަސާތަކުގައި ހުރި ތަކެތި މަސައްކަތްކުރޭތޯއާއި އެކަމަށް ބޭނުންވާ އެންމެހައި ވަސީލަތް ޤާއިމުވެފައި ވޭތޯ ބެލުމުގެ ޒިންމާ ނެންގެވުން މުހިއްމު ކަމަށާއި މަގުމަތީގައި އުފެދޭ ފެން ހިންދުމަށްޓަކައި ކޮންކުރީޓް ޓޭންކް ތަކެއް މަގުގެ އެކިއެކި ހިސާބުތަކުގައި ޤާއިމުކޮށްގެން މޫދަށް ފެން ދޫކުރެވޭނެ ނިޒާމެއް ޤާއިމުކޮށްގެން ނޫނީ މިކަމަށް އެދެވޭ ހައްލެއް ގެނައުމަކީ ނާދިރުކަމެއް ކަމަށް ކުޅުދުއްފުށީ ޕަބްލިކް ވޯރކްސް ސަރވިޝަސްގެ ޕްރޮޖެކްޓް މެއިންޓަނަންސް ކޯޑިނޭޓަރ އަލްފާޟިލް ޢަލީ މުޙައްމަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހުރި މައްސަލަތަށް މި ދަތުރުގައި ބަލާނެ ކަމަށާއި އަދި ނެގިގެންދާނެ މަޢުލޫމާތުތަކަށް ބަލައި ކުޅުދުއްފުށީގެ ޑިޒާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ދޭކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަން ވިދާޅުވިއެވެ.

Leave a Reply