ޚަބަރު

ހޮނިހިރު ދުވަހު ބާއްވާ ހޮނިހިރު ބާޒާރު އަލުން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެނީ

ކުޅުދުއްފުށީގައި ލޯކަލްމާރުކޭޓުގެ ޚިދުމަތް ފަށައި ހޮނިހިރު ދުވަހު ދަތުރުވެރިންނާއި، ޢާއްމުން ތަކެތި ވިއްކުން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމު ގައި 07 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައި 24 ޖޫން 2019 ގައި ވަނީ ކައުންސިލްއިން އިޢުލާން ކޮށްފައެވެ. އެހެން ނަމަވެސް މިއަދު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށް ދިޔަ ކައުންސިލްގެ ތިންވަނަ ދައުރުގެ 104 ވަނަ ޢާންމު ބައްދަލުވުމުގައި ހޮނިހިރު ދުވަހު ކުރިއެކޭ އެއްގޮތަށް ހޮނިހިރު ދުވަހު ދަތުރުވެރިންނާއި، ޢާއްމުން ތަކެތި ވިއްކުން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި ތަކެތި ވިއްކުމަކީ މަނާކަމެއް ނޫންކަމަށް ކައުންސިލްގެ 5 މެމްބަރުންގެ ވޯޓުން ފާސްކުރެވުނެވެ.

ރަށުގެ ރައްޔިތުންނަށް ހިޔަލުގައި ތިބެގެން ލޯކަލް ތަކެތި ވިއްކުމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިމާރާތެއް އަޅައި އެތަނުގެ ގޮޅިތަށް ޢާންމުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރުމަށް ދޫކުރެވިފައިވާތީ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި ތަކެތި ވިއްކުމަކީ މަނާކަމެއް ކަމަށް އިޢުލާން ކުރެވިފައިވީނަމަވެސް ކައިރި ރައްތަކުގައި ދިރިއުޅޭ ދަނޑުވެރިންނާއި ހދ. އަތޮޅު ކައުންސިލްއާއި ސަރުކާރުގެ އިސްބޭފުޅުން އަދި މަޖިލިސް މެމްބަރުން ގުޅުއްވާ އެކަން އެގޮތަށް ނުކުރުމަށް އެދިލައްވާފައިވާކަމަށާއި އެފަރާތްތަކުގެ އެދުމުގެ މަތިން މަނާކޮށްފައި އޮތް އޮތުން އަބުރާ ނެންގެވީކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

Leave a Reply