ޚަބަރު

ކުޅުދުއްފުށީގައި އުޅުއްވާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލަނީ.

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދު ވަނީ 26 މެއި 2011 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވިފައެވެ. އެހެންކަމުން ލޭބަރ ރިލޭޝަން އޮތޯރިޓީން ހަމަޖައްސާފައިވާ ގޮތުގެމަތިން ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ބިދޭސީންނާއި ޙަވާލުވެފައިވާ ފަރާތްތަކުން މި ކައުންސިލަށް ދެއްވައި 31 އޯގަސްޓް 2019 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގެ ނަންބަރު: (IUL)266 /266/2019/43  އިޢުލާނުން ދަންނަވާފައިވެއެވެ.

ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި ބިދޭސީންގެ ދަފުތަރު ބެލެހެއްޓުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ނުދެއްވާ ފަރާތްތަކާއިމެދު ޤާނޫން ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދުމަށް ދޫކުރާ ލިޔުންތައް ދޫނުކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިހާރު ކުޅުދުއްފުށީގައި އުޅޭ ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންވެސް 31 އޯގަސްޓް 2019 ގެ ކުރިން ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވުމަށާއި ބިދޭސީން ދަފުތަރުގައި ހިމެނުމަށް އެދޭފޯމް ކައުންސިލް އިދާރާއިން އަދި މި ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:00 އަށެވެ.

Leave a Reply