ޚަބަރު

ރައީސުލްޖުމުހޫރިއްޔާގެ ނައިބު އޮނަރަބްލް ފައިޞަލް ނަސީމް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް

ރައީސުލްޖުމުހޫރިއްޔާގެ ނައިބު އޮނަރަބްލް ފައިޞަލް ނަސީމް 1 އޮގަސްޓް 2019 ން 2 އޮގަސްޓް 2019 ށް ހދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ހދ.ހަނިމާދޫ ހެލްތް ސެންޓަރަށް ޒިޔާރަތްކުރެއްވުމާއި ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 1 އޮގަސްޓް 2019 ވާ ހުކުރު ދުވަހު މެންދުރުފަހު 3:20 ގައެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އަތޮޅު ކައުންސިލް އިދާރާއަށާއި ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ދެން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަންފަރަށެވެ. އެރަށަށް ވަޑައިގެން އެރަށު ކައުންސިލް އިދާރާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޮޅިވަރަންފަރު ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރުމަށްފަހު ނޮޅިވަރަންފަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް އޮންނަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ މިދަތުރުގައި 2 އޮގަސްޓް 2019 ގައި ކުޅުދުއްފުށީގައި ހުންނަ 3 ސްކޫލް ކަމުގައިވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު އޮނަރަބްލް ފައިޞަލް ނަސީމް ހދ. އަތޮޅަށް މިކުރައްވާ ދަތުރުފުޅު އެއްކޮށް ނިންމަވާލައްވާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 02 އޮގަސްޓް 2019 ވާ ހުކުރު ދުވަހު 15:30 ގައެވެ.

Leave a Reply