ޚަބަރު

މާފަލުހިޔާގެ 40 ރޯހައުސްގެ މަރާމާތު ވީހާވެސް އަވަސްކުރުމަށް މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ވިދާޅުވެއްޖެ

މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައިފިއެވެ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިޔަށް ދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް މަޑުޖެހިފައި އޮތް އޮތުމަށް ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވެ އަދި އިތުރު ބޯހިޔާވަހިކަން ކުޅުދުއްފުއްޓަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުއްޓަކީ ބޯހިޔާވަހިކަމުގެ ގިނަ މައްސަލަތަކެއް ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރިމަތިވެފައިވާ ރަށެއް ކަމަށާއި ފާއިތުވީ 13 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައެއް ނުވާކަމަށާއި ގެވަޅު ދޫކުރުމުގެ މަޝްރޫއުއެއް 2006 ވަނަ އަހަރު އިޢުލާން ކޮށްގެން ކުރިޔަށް ގެންގޮސްފައިވާކަމަށާއި މިހާރު އެފަދަ މަޝްރޫއުއެއް ކުރިޔަށް ގެންގޮސްފައި ނުވާތާ 13 އަހަރު ވީއިރު ގެވަޅަށް ޑިމާންޑްކުރާ ފަރާތްތަކާއި ފުލެޓަށް ޑިމާންޑްކުރާ ފަރާތްތަކެއްވެސް އުޅުއްވާކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

އަޅުގަނޑުމެން ކޮންމެ ބައްދަލުވުމެއްގައިވެސް އެދެމުން މިދަނީ ރަށަށް އެކަށީގެންވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިޢުލާން ކޮށްދެއްވުމަށް ކަމަށާއި އެންމެ ފަހުން މިނިމުނު ސަރުކާރުން ގެވަޅަށްއެދި ކޮއްފައިވާ އިޢުލާނަށް ފުދޭވަރަކަށް ގިނަ ރަށުންބޭރު ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައި ނެތް ގިނަ ފަރާތްތަކުންވެސް ކުރިމަތިލުމަށް ފޯމް ނެންގެވިކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. 2010 ގައި އެމް.ޑީ.ޕީ ސަރުކާރުން އިޢުލާން ކުރައްވައިގެން ކުރިޔަށް ގެންދެވި ރޯހައުސް މަޝްރޫއަކީވެސް ކުޅުދުއްފުށީ ބިމާއި ކުޅުދުއްފުށީގައި އޮތް އާބާދީއަށް އެންމެ އެކަށީގެންވާ ޕްރޮޖެކްޓެއް ނޫންކަމަށާއި ހިއްކިފައިވާ ބޮޑު ބިމެއް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރަނީ ނަމަ ރޯހައުސްތައް އިމާރާތް ކުރައްވާނީ އެގޮތަށް ނޫން ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައިވެސް އެދެނީ ބިން ބޭނުންކުރުމުގައި ވީހާވެސް އިސްރާފުނުވާގޮތްތައް ބައްލަވައިގެން ކުރިޔަށް ގެންދެވުން ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ރަށުގައި ދަރިންނަށް ކިޔަވައިދެއްވުމަށާއި ވަޒީފާ އަދާކުރާ  ރަށުން ބޭރުގެ ފަރާތްތަށް ވަރަށް ގިނަ ކަމަށާއި އެފަރާތްތައްވެސް ބޭނުންވަނީ ކުޅުދުއްފުށިން ދާއިމީ ބޯހިޔާވަހިކަމެއް ކަމަށާއި މިކަމަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. މިހާރު ފެށިގައިވާ ރޯހައުސްތަކަކީ އެއްވެސް ވަރަކަށް ހިންހަމަޖެހޭ ރޯހައުސްތަކެއް ނޫންކަމަށްވީނަމަވެސް އެރޯހައުސްތައް ނިންމަންޖެހޭކަމަށާއި މިއަޑިގަނޑުން އަރައިގަނެވޭފަދަ ބޮޑު މަޝްރޫއުއެއް ކުޅުދުއްފުށީގައި ކުރިޔަށް ގެންގޮސްދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

އަޅުގަނޑު އޮފީހަށް ވަޑައިގެންނެވި ހިސާބުންވެސް ކުޅުދުއްފުށީގެ 3 ސަރަޙައްދުގައި ހިމެނޭ މި ގެތަކުގެ މައްސަލަ ލިބިފައިވާކަމަށާއި އެހެން ނަމަވެސް މިކަންތައްތައް ހައްލުކުރުމަށް އެއްވެސް ބަޖެޓެއް ނެތް ނަމަވެސް ހާއްސަ ބަޖެޓެއްގެ ތެރެއިން މިހާރު 27 މިލިޔަން ރުފިޔާ 4 ރަށެއްގައި މިހެން ހުރި މައްސަލަތައް ހައްލުކުރުމަށް ލިބިފައިވާކަމަށާއި ވީހާވެސް އަވަހަކަށް ނިންމެން ހުރި ތަންތަން ނިންމުމައްޓަކައި އިޢުލާން ކުރެއްވުމަށް މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ވިދާޅުވިއެވެ.

ބޯހިޔާވަހިމަކަކީ މިސަރުކާރުގެވެސް ވަޢުދެއް ކަމަށާއި ކުޅުދުއްފުށީގެ އެމް.ޕީންވެސް އެކަމަށް ވަރަށް މަސައްކަތް ކުރައްވާކަމަށާއި ވީހާވެސް އަވަހަކަށް މަޝްރޫއުއެއް ކުޅުދުއްފުއްޓަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދި މަޖިލިސްއަކަށް އެބަޖެޓް ވައްދާފައެއް ނުވާ ކަމަށާއި ވެލިގަނޑު ސަރަޙައްދުގައި ހުރި ރޯހައުސްތައް މަރާމާތު ކުރެވޭނީ އަންނައަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށާއި އެތައް އަހަރެއްވަންދެން ހުއްޓިފައިވާ ބޮޑު މަޝްރޫއުތަކެއް އެއްވެސް ބަޖެޓެއް ނެތި މިހާ ހިސާބަށް ގެނައުމަކީވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ކުރައްވާނެ ކަމަށް މިނިސްޓްރ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ ވިދާޅުވިއެވެ.

Leave a Reply