ޚަބަރު

ކުޅުދުއްފުށީ 27 މުއައްސަސާއަކުން ރަށްފެހި ޕްރޮގްރާމުގައި ބައިވެރިވެއްޖެ

ރާއްޖޭގެ ހުރިހާ ރަށްތައް ފެހިކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެފައިވާ ވަޢުދެއް ކަމުގައިވާ ‘ރަށްފެހި’ ޕްރޮގްރާމް، 10 ނޮވެމްބަރ 2019ގައި ކުޅުދުއްފުށީގައި ވަނީ އިފްތިތާޙްކޮށްފައެވެ. މިހަރަކާތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީގެ 27 މުއައްސަސާއަކާއި ގުޅިގެން 7 ޑިސެމްބަރ 2019ގައި ވަނީ އިތުރު ބޮޑު ހަރަކާތެއް ހިންގިފައެވެ. މި ހަރަކާތުގައި ކުޅުދުއްފުށީގެ އެންމެ ބޮޑު ދެމަގު ކަމުގައިވާ އަމީނީމަގާއި ބަންޑާރަ މަގުގައި 100ގަސް ވަނީ އިންދާފައެވެ.

މިހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި އަލަށް ތަރައްޤީ ކޮށްފައިވާ މަގުތަކުގެ ހަނަފަސްކަން ކަނޑުވައި މަގުތައް ޒީނަތްތެރި ކުރުމެވެ. ގަސްތަކުން ލިބޭ ސިއްހީ އަދި ތިމާވެށިގެ ފައިދާތައް ރައްޔިތުންނަށް ލިއްބައިދިނުންވެސް މި ހަރަކާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މަގުތަކުން އަރައި ހިރަފުސް ކޮންޓްރޯލް ކުރުމާއި، ރަށުތެރެ ފިނި ކޮށްދިނުމާއި، ހޫނުގަދަވުމުގެ ސަބަބުން މަގުތައް ބޭނުން ކުރަން އުނދަގޫވާފަރާތްތަކަށް ފަސޭހަކޮށްދިނުމަކީވެސް މިހަރަކާތުގެ މަޤްސަދެކެވެ. ގަހާއި ހިޔާނެތުމުގެ ސަބަބުން ދުއްވާ އެއްޗެއްހީގައި އުޅެން ޖެހުމަކީ ހެލިފެލިވެ އުޅުމަށް ހުރަސްއެޅޭ ކަމެކެވެ. މިގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރައި ބަލިތައް އަދި ދިރިއުޅުމުގެ ނެދެވޭ އަދަކާދަތަކާއި ގުޅިފައިވާ ބަލިތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މަގުތަކުގައި ހިޔާލިބޭ ގަސްއިންދުމަކީ މިފަދަ އެތައް މައްސަލަތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ސިއްހީ ފައިދާތަކުގެ އިތުރުން ގަސްތަކުން އިޖްތިމާއި އަދި އިގްތިޞާދީ ފައިދާތައްވެސް ލިއްބައިދެއެވެ. ހޫނުގަދަ ވުމުގެ ސަބަބުން ފިނިކުރުމަށް ކުރަންޖެހޭ ޚަރަދުކުޑަ ކުރުމަކީވެސް ގަސްއިންދުމުގެ ތެރެއިން ހޯދިދާނެ ފައިދާއެކެވެ. މިއަދު އިންދިގެން ދިޔަގަސްތައް ބެލެހެއްޓުމުގައި ހުރިހާ ރައްޔިތުންގެވެސް ފަރުދީ ޒިންމާ އަދާކޮށް އެގަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މިފަދަ ފައިދާތަކަށް ވާސިލްވުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގައި މިފުރުސަތުގައި ފާހަގަ ކުރަމެވެ.

މިހަރަކާތް ކުޅުދުއްފުށީގައި މިހާފުޅާކޮށް ފަސޭހަ ކަމާއިއެކު ހިންގުނީ ކުޅުދުއްފުށީގެ ގިނަ މުއައްސަސާތެކެއްގެ އެއްބާރުލުން މިކަމަށް ލިބިގެން ދިއުމުގެ ސަބަބުންނެވެ. މީގެތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ އެހެނިހެން މުއައްސަސާތައްވެސް ހިމެނެއެވެ. އެހެންކަމުން މިހަރަކާތް ހަޤީގަތަކަށް ހަދައިދިން މުއައްސަސާތަކަށް ކުޅުދުއްފުށި ކައުންސިލްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ.

Leave a Reply