ތަޢާރަފް

ކުޅުދުއްފުށްޓަކީ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އަދި ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުގައި އޮތް އެންމެ މީހުން ގިނަ ރަށެވެ. މާކެޔޮޅުކަމުދިޔުމާއި ބޯޓުދަތުރުކުރުން މިއީ މިރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަކުރެވޭ ދެމަސައްކަތެވެ. މީގެއިތުރުން މިރަށަކީ ރޯނުވެށުމަށް އެންމެ މަޝްހޫރު މީހުން ތިބި ރަށްކަމަށް ފާހަގަ ކުރެވިފައިވާ ރަށެވެ. މިރަށުގެ މީހުން ދިރިއުޅުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުމާއި، ރޭނުމާއި، ސިމެންތީގެ މަސައްކަތާއި، ކަނބުރުވެރިކަން ފާހަގަ ކުރެވެއެވެ. ޤުދުރަތީ ޙާދިސާތަކުގެ ތެރެއިން 1812 ، 1819 އަދި 1821 މިއަހަރުތަކުގައި އައި ގަދަ ވަޔާއި ވިއްސާރައިގެ ތޫފާން ތަކުގައި މިރަށަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުކަމަށްވެއެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށް ތާރީޚް ބުނެއެވެ. މިރަށަށް ޚާއްޞަ ކަންތައްތަކުގެ ތެރޭގައި މިރަށުގައި ކުޅެވޭ ޘަޤާފީ ކުޅިވަރު ތަކުގެ ތެރެއިން ދަމުހިނގުން (ނުވަތަ މާލިކުޅިވަރު) ފާހަގަކޮށްލެވެއެވެ. މިކުޅިވަރު މިހާރު ކުޅެ އުޅެނީ ބޮޑުޢީދު ކަހަލަ މުނާސަބަތު ތަކުގައެވެ. މީގެ އިތުރުން މިރަށުގައި ތައްޔާރުކުރާ ހާލުފޮޅިއާއި މަސްބޮނޑިއަކީ މިރަށަށް ޚާއްޞަ ކެއުމުގެ ދެބާވަތެކެވެ.

ރަށުގެ ބޮޑުމިން

މީހުން އުޅޭ ސަރަޙައްދުގެ ބޮޑުމިން 180 ހެކްޓަރ
މީހުން ނޫޅޭ ސަރަޙައްދުގެ ބޮޑުމިން 67 ހެކްޓަރ
މުޅިޖުމްލަ ރަށުގެ ބޮޑުމިން 247 ހެކްޓަރ

ރަށުގެ އާބާދީ

އެންމެފަހުން އަޕްޑޭޓްކުރީ 06 ޖޫން 2023
ޖުމްލަ 10046
ފިރިހެން 5136
އަންހެން 4910