މިނިސްޓްރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ހުޅުވައިދެއްވައިފި

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މާރުކޭޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއެވެ. މާރުކޭޓް ސަރަޙައްދުގައި ރޭ ކުރިޔަށް ދިޔަ މިރަސްމިއްޔާތުގައި ޤުރުއާނުގެ ބަރަކާތުން ރައްމިއްޔާތު ފައްޓަވައިދެއްވީ ހދ. ކުޅުދުއްފުށި، ދާރުއްސަލާމް، އަލްފާޟިލް ޙުސައިން އަޙްމަދުއެވެ.

ރައްމިއްޔާތު ތަޢާރަފްކޮށްދެއްވީ ހޯމް މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަވާދުއެވެ. އެއަށްފަހު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަތީފް ޙަސަން ވާހަކަފުޅު ދެއްކެވިއެވެ. ރަސްމިއްޔާތު ނިންމަވާލެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ވާހަކަފުޅާއި މާރުކޭޓް ހުޅުވައިދެއްވުމުންނެވެ.

މިޕްރޮޖެކްޓްއަކީ 2016 ވަނަ އަހަރު ޕީ.އެސް.އައި.ޕީގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ފެއްޓެވި ޕްރޮޖެކްޓެއްކަމަށާއި މިޕްރޮޖެކްޓް ނިންމާލުމަށް 1 އަހަރާއި 8 މަސް ހޭދަވެގެން ދިޔަ އިރު ޖުމުލަ 4.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާނޭކަމަށާއި ޖުމުލަ 30 ގޮޅިއާއި 2 ގޮޅި ވަޅޯމަހަށް ހާއްސަކޮށް ހެދިފައި ހުންނާނެ ކަމަށް ޑިރެކްޓަރ މުޙައްމަދު ޖަވާދު ވިދާޅުވިއެވެ. މިޕްރޮޖެކްޓަކީ މިރަށަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި ކުރީގެ އެޓޯލް މިނިސްޓްރީގެ ދުވަސްވަރުވެސް އެވާހަކަ ދައްކަމުންދިޔަކަމަށާއި މިގޮޅިތަށް ދޫކުރުމުގެ އެންމެހައި މަސައްކަތް ކުރަމުންދާނީ ކުޅުދުއްފުށީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ޑިރެކްޓަރ މުޙައްމަދު ޖަވާދު ވިދާޅުވިއެވެ.

 


 

ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމަށް އެހީއެއްގެ ގޮތުގައި ހުޅުވިގެންދާ އިމާރާތެއް ހުޅުވިގެންދާ މިރެއަކީ އެފަދަ ފަރާތްތަކަށް އަދި އަޅުގަނޑުމެންނަށްވެސް ލިބިގެންދާ ވަރަށްވެސް އުފާވެރި ރެއެއް ކަމަށާއި ދަނޑުވެރިން ހައްދާ ތަކެތި ހިޔަލުގައި ތިބެގެން ވިއްކޭނެ ގޮތް މިއިމާރާތުން ފަހިވެގެން ދާނެ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. ޤަވާއިދު ގެޒެޓް ކުރެވި މިއަންނަ ހަފުތާގެ ތެރޭގައި އެގޮޅިތަށް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އިމާރާތް ބޭނުންކުރުމުގެ ކުރިން ގެންނަންޖެހޭ ބަދަލުތަކާއި ވަށާފާރުގެ މަސައްކަތް މިނިސްޓްރީއައި ގުޅިގެން މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

މިހިސާބުގަނޑުގެ ހުރިހާ ރަށްތަކުގެ އަހުލުވެރިން، ދަނޑުވެރިކަމުގެ ތެރެއިން އުފައްދާ ތަކެތި ހުށަހަޅާލެވިގެންދާ އެއް ރަށް ކަމުގައި ކުޅުދުއްފުށި ވެގެންދާއިރު މި މާރުކޭޓަކީ މިހިސާބަށް ވަރަށް މުހިއްމު މާރުކޭޓެއް ކަމަށާއި މިކަމުގެ ސަބަބުން މިރަށަށާއި މިސަރަޙައްދަށް ވަރަށް ބޮޑު ކުރިއެރުމެއް އަދި ކާމިޔާބެއް ކަމަށް މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. މަސައްކަތެއް ނިންމުމުގައްޔާއި މަސައްކަތެއް ފެށުމުގައި ރަށުގެ ވިޔަފާރި ވެރިންނާއި ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްގެ ހިއްސާ މުހިއްމު ކަމަށާއި އެފަރާތްތަކުން ގުޅިގެން ސަރުކާރާއި އެކު މަސައްކަތް ކޮށްފިނަމަ އިތުރު ޕްރޮޖެކްޓްތައް ކުޅުދުއްފުއްޓަށް އައިސް ކާމިޔާބު ކަމާއިއެކު ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ، ގުޅުން ވަރުގަދަވިވަރަކަށް ރަށުގެ އިޖްތިމާއީ ގުޅުން ވަރުގަދަވެ، އިޤްތިޝާދީ ކުރިއެރުމަށް މަޤުފަހިވެގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *