މިއަދަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް

މިއަހަރުގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުޅުދުއްފުށީގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން މިއަދު ވަނީ ކައުންސިލް އިދާރާ ކުރިމަތީގައި އަތުގުޅާލާފައެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާނާއި، 1 މިނެޓުގެ ސުކޫތެއް ގެނެސްފައިވެއެވެ.

 

 

 

 

 

 

 

 

 

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމަވެރި ކާރިސާ އެވެ. މިކާރިސާއަށް މިއަދު މިފުރުނީ 15 އަހަރެވެ. މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެއެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭވަރަށް ހަލާކުވެގޮސްފައިވެއެވެ. އެއީ، ރ.ކަނދޮޅުދޫއާއި، ތ.ވިލުފުއްޓާއި، ދ.ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް 23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހިތާމަވެރި ކާރިސާގައި ދިވެހީންގެ 82 މީހަކު ވަނީ ނިޔާވެގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ. އަދި މި ކާރިޘާގައި ވީނުވީ ގޮތެއް ނޭގި 26 މީހަކު ވަނީ ގެއްލިފައެވެ. ރާއްޖޭގެ އާބާދީގެ 13000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު މުޅިން ސުންނާފަތިވެ ހާލުގައި ޖެހި، ބައެއް ރަށްތައް މުޅިން ހަލާކުވެ ފަޅުވެދިޔައެވެ. ބައެއް ރަށްރަށުން ވަގުތީގޮތުން މީހުން ބާލަން ޖެހުނެވެ.

މިކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ދިވެހި ލޮބުތި ރައްޔިތުން އެދުވަހު ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަކީ ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް އަޅުގަނޑުމެން ފެނިފައިނުވާފަދަ އެކުވެރި ކަމަކާއި އެއްބާރުލުމެކެވެ. މީހުން ސަލާމަތްކުރުމުގައި ރަށުގެ ރައްޔިތުން ދެއްކި އެކުވެރިކަމެވެ. އެހީތެރިވުމުގައި ޖެހިގެން އޮތް ރަށުގެ ރައްޔިތުން ދެއްކި ސާބިތުކަމެވެ. ވެވުނު މިންވަރަކުން އެހީވުމުގައި ދިވެހި ކޮންމެ ރައްޔިތަކު ވެދިން ދީލަތި އެހީތެރިކަމެވެ. ތިމާގެ ހާލަތަށް ބެލުމެއް ނެތި ކޮންމެ މީހަކުވެސް އަނެކެއްގެ މުހުތާދުތައް ފުއްދައިދިނުމުގައި ޤައުމީ ރޫޙާއެކު އުޅުނު އުޅުމެވެ. މިއިން ކޮންމެ މަންޒަރަކީ ދިވެހީންގެ އަޚްވަންތަކާއި، އެއްބައިވަންތަކަން ދައްކުވައިދިން އުފާވެރިކަމުގެ ކަރުނައިން މުޅި ދެލޯ ތެންމާލި މަންޒަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *