ޚަބަރު

ފެންބޮޑުވުމުގެ ޙާދިސާތަކަށް ވިލުންވެރިކަން އިތުރު ކުރުމުގެ މަޝްރޫޢުގެ ތެރެއިން ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށީ ގޮފިން ފެންޕަންފެއް ކުޅުދުއްފުށީ ކައުންސިލްއާއި ހަވާލުކުރައްވައިފި

ފެންބޮޑުވުމުގެ ޙާދިސާތަކަށް ވިލުންވެރިކަން އިތުރު ކުރުމުގެ މަޝްރޫޢުގެ ތެރެއިން ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށީ ގޮފިން ފެންޕަންފެއް ކުޅުދުއްފުށީ ކައުންސިލްއާއި ހަވާލުކުރައްވައިފިއެވެ. 13 މާރޗް 2019 ގައި ފެންޕަންޕް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ފެންޕަންޕް ހަވާލުކުރެއްވީ ދިވެހި ރެޑް ކްރެސެންޓް ހދ. ބުރާންޗްގެ އެޑްޒެކަޓިވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. ކައުންސިލްގެ ފަރާތުން ފެންޕަންޕާއި ހަވާލުވެލެއްވީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންއެވެ.

” ފެން ބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓް ” ގެ ދަށުން ހަވާލުކުރެވުނު މި ފެންޕަންޕް ބެހެއްޓިފައި ހުންނާނީ ކައުންސިލްގެ އިދާރާގައެވެ. ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށީ ގޮފިން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓްގެ މަޤުސަދަކީ ފެންބޮޑުވުމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުންގެ ގެދޮރާއި މުދަލަށް އަދި ސިއްޙަތަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރަށު ފެންވަރުގައި މަސައްކަތްކުރުމުގެ ޤާބިލްކަން އިތުރުކޮށް އަދި ފެން ބޮޑުވުމުން އެހެން ފަރާތަކަށް ބަރޯސާވުމެއްނެތި ވަގުތުން އިޖާބަދިނުމުގެ ނިޒާމް ހަރުދަނާކުރުމެވެ.

މިޕްރޮޖެކްޓްގެ ދަށުން ހަވާލުކުރެވޭ ފެންޕަންޕް ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ދިނުމާއި ފެން ހިންދުމުގައި މީހުންގެ ގެދޮރާއި މުދާ އަދި ސިއްހަތަށް ގެއްލުން ނުވާނޭހެން މަސައްކަތްކުރުމަކީ ކައުންސިލްގެ މަސްޢޫލިއްޔަތެކެވެ.

Leave a Reply